އެމްޔޫއޯގެ ނައިބު ލީޑަރ ކަމަށް އަލްފާޟިލާ ޞިފާ މުހަންމަދު ހަމަޖައްސަވައިފި

ލަންޑަން 10 ޖަނުއަރީ 2017- މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ޑިޕިއުޓީ ލީޑަރު ގެ މަގާމަށް އެމްޔޫއޯ ގެ ޝެޑޯ އެޑިއުކޭޝަން މިނިސްޓަރ އަލްފާޟިލާ ޞިފާ މުހަންމަދު ހަމަޖައްސަވައިފިއެވެ. އަލްފާޟިލާ ޞިފާ މުހަންމަދު އެއީ މާލޭ ސިޓީ ގެ ޑިޕިއުޓީ މޭޔަރ ކަމާއި ކައުންސިލް މެމްބަރުކަން އަދި އެމްޑީޕީގެ އަންހެނުންގެ ރޫހު ގެ ރައީސާ ކަމާއި އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ކަން އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަލްފާޟިލާ ޞިފާ މުހަންމަދު ވަނީ އެމްޑީޕީ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ކަމުގެ މަގާމް ވެސް ފުރުއްވާފައެވެ.

28 ނޮވެމްބަރ 2016 ގައި އިސްތިޢުފާ ދެއްވި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ކުރީގެ ޑިޕިއުޓީ ލީޑަރު އަލްފާޞިލް ޢަލީ ވަހީދު ކޮށްދެއްވާފައިވާ އިޚްލާޞްތެރި، ހީވާގި އަދި އަގުހުރި ޙިދްމަތް ތައް މި ދަނޑިވަޅުގައި ހަނދާންކޮށް އެމަނިކުފާނު ގެނެސްދެއްވި މުރާލިކަމާއި ޖޯޝް އާއި ހިތްވަރުގަދަކަން ވަރަށް ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރަމެވެ.

ދިވެހި ރާއްޖެއަށް ޑިމޮކްރަސީ އިއާދަކުރުމަށް ކެނޑިނޭޅި މަސައްކަތްކޮށް، ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ އިންތިޚާބުތައް މިނިވަން އިންޞާފުވެރި، އެތެރެފެންނަ، އިތުބާރުކުރެވޭ، އަދި ހިމެނެވޭނެ އުޞޫލުން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކޮށް އިރާދަފުޅާއެކު ކާމިޔާބު ކުރުމަށް އެމްޔޫއޯއިން އަޒުމް އާލާކޮށް ވަރުގަދަކުރަމެވެ.