ލޯކަލް ކައުންސިލް އިންތިޚާބުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށް ބުނެ އިލެކްޝަން ކަމިޝަނުން އޮޅުވާލާ މައްސަލައާއި ގުޅޭ!

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އިންތިޚާބީ ޙައްޤުތައް ގެއްލޭގޮތަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކޮށްފައިވާކަމަށްބުނެ އިލެކްޝަންސް ކަމިޝަނުން ދޮގުހަދާ އޮޅުވާލަމުންދާ މައްސަލަ މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިކަމަކީ ރައީސް ޔާމީން ބޭނުންފުޅުވާގޮތަށް އިންތިޚާބު ލަސްކުރުމަށްޓަކައި ސަރުކާރާއި ކޯޓުތަކާ ގުޅިގެން އިލެކްޝަންސް ކަމިޝަނުން ހިންގަމުންއަންނަ ޖަރީމާއެއްކަން ފާހަގަކުރަމެވެ.

ޤާނޫނުގައި ބަޔާންކުރާ ތާރީޚުގެ ކުރިން ބޭއްވޭ، ޤާނޫނުގައި ލާޒިމުކޮށްފައިވާފަދަ އިންތިޚާބަކުން ދިވެހި ރައްޔިތުން މަޙުރޫމްވެ، އިންތިޚާބު އޮންނަ ތާރީޚު ކަށަވަރުނުވާތީ، ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުންފަދަ އިންތިޚާބާގުޅިގެން ކޮންމެހެން ނިންމަންޖެހޭ ކަންކަން ނުނިންމި އާންމު ރައްޔިތުންނާއި ކެންޑިޑޭޓުން ވާނުވާނޭގުމެއްގެ ތެރޭގައި ބޭތިއްބުމަކީ ލާމަރުކަޒީ ނިޒާމާއި ޤައުމުގެ އިންތިޚާބީ ނިޒާމު ޚަރާބުކޮށް، ދައުލަތް ހިންގުމަށްޓަކައި އެކުލަވާލެވިފައި އޮތް އިންތިޒާމުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ދުރާލާ ރާވައިގެން ޤަސްދުގައި ހިންގަމުން އަންނަ ކަމެއްކަމުގައި އެމްޔޫއޯއިން ދެކެމެވެ. އަދި މިފަދައިން ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލާ، ވޯޓު ކަރުދާސްކޮޅު މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގާނެ މަންދޫބުން އިންތިޚާބުކުރުމުގެ އިންތިޒާމު ގަޑުބަޑުކޮށްލުމަކީ އޭގެ ސަބަބުން ޤައުމުގެ ޙަޤީޤީ ބާރުވެރިންނަކީ ރައްޔިތުންކަމަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައި އޮންނަ މަފްހޫމް އޮޅި، ވެރިކަން ހަމަމަގުން ހިންގުމަށް ބާރުއެޅުމާއި ވެރިން ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ފުރުސަތު ގެއްލި، ޤައުމުގެ އިޤްތިސާދަށާއި އިޖުތިމާއީ ކަންކަމަށާއި އަދި ސީދާގޮތުންނާއި ނުސީދާގޮތުން ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ނުހަނު ނޭދެވޭއަސަރު ފޯރާނެ ކަމެއްކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.

އަދި ދަންނަވަމެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ޕީޕީއެމްގެ މުސްތަޝާރަށް ތާއީދުކުރާ ފަރާތްތަކުން ސިވިލް ކޯޓު މެދުވެރިކޮށް ނެރެފައިވާ އަމުރު މިއަދާ ހަމަޔަށްވެސް އިލެކްޝަންސް ކަމިޝަންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައި ނުވާހިނދު، ކަމިޝަނުން އިންތިޒާރުކުރަމުންއަންނަނީ ހައިކޯޓުގެ ނިންމުމަކަށްކަމަށް ބުނެ، ޤައުމީ ލަފާދޭ ކޮމިޓީއަށާއި މީޑިޔާތަކުގައި ތަކުރާރުކޮށް ދޮގު މަޢުލޫމާތު ފަތުރާފައިވެއެވެ. އަދި މިގޮތަށް ދޮގު މަޢުލޫމާތު ދީގެން ޤައުމީ ލަފާދޭ ކޮމިޓީގެ ބޭނުން ނާޖާއިޒުގޮތުގައި ހިފަން އިލެކްޝަންސް ކަމިޝަނުން މަސައްކަތް ކުރާމުންދާކަމީ ހިތާމަހުރި ކަމެކެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ގެއްލިފައިވާ އިންތިޚާބީ ހައްޤުތައް އަލުން ހޯދައިދިނުމަށްޓަކައި އިންސާފުވެރި ކަމާއެކު އިންތިޚާބުތައް ބޭއްވޭނެ މާޙައުލެއް ޤާއިމްކޮށް އެމަގަށް މަސައްކަތް ކުރުމަށް އެމްޔޫއޯގެ ފަރާތުން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ. ހަމައެހެންމެ އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތުގައި ހިތްވަރާއެކު ގަދައަޅާ ދެމިތިބުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.