ބޮޑެތި ޚިޔާނާތާއި އެކަންކަމާއި ގުޅުންހުރި މަނީލޯންޑަރިންގެ ނާރެހުގައި ހިމެނޭ ނައިބުރައީސް ޢަބްދުﷲ ޖިހާދާއި ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ދިވެހި ސަލާމަތީ ޚިދްމަތްތަކުން ހައްޔަރުކޮށް ދެއްވުމަށް އެމްޔޫއޯ ގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދު އަނެއްކާވެސް އިލްތިމާސް ކުރައްވައިފި.

ސަރުކާރަކީ ރައްޔިތުން އިންތިޚާބުކުރާ އަދި ރައްޔިތުންގެ ޙައްގުތައް ދަމަހައްޓާ ރައްޔިތުންގެ ކިބައިން ބާރުތައް ހޯދާ އިތުބާރު ލިބިގަންނަ އިންތިޒާމެއްކަން ކަށަވަރެވެ. ރާއްޖޭގެ ރައްޔިތުންގެ ހަރުމުދަލާ، ބައިތުލްމާލަށް ވަންނަންޖެހޭ ފައިސާއަކީ އަމާނާތްތެރިކަމާއިއެކު އެއިރަކު ސަރުކާރެއް ހިންގަންތިބި ބަޔަކު ރައްކާތެރިކުރަންޖެހޭ އެންމު މުހިއްމު އެއްރުކުނެވެ. ރައްޔިތުންގެ އަސާސީ ޙައްގުތަކާއި، ދިރިއުޅުމާއި އާންމު ޙާލަތާއި އިޖްތިމާޢީ ރައްކާތެރިކަމަކީ ސަރުކާރަކުން ބޭނުންގޮތަކަށް ކޮށާމަށާ،ހަނިކޮށް ޙިސާރުކުރެވޭ ކަންތައްތަކެއް ނޫންކަންވެސް ސަރުކާރަކަށް ފަހުމްވާންވާނެއެވެ. ހިގަމުންމިދާ ރައީސް ޢަބްދުއްﷲ ޔާމީން ސަރުކާރު މިހާ ހިސާބަށް އައި އިރު، ރައްޔިތުންގެ ބައިތުލްމާލުން ގިނަޢަދަދެއްގެ ފައިސާ އަށް ޚިޔާނާތްތެރިވެ، ފަސާދައާއި ކަރަޕްޝަން ޢާންމު ފެޝަނަކަށްވެ، ރައްޔިތުންގެ އަސާސީ ޙައްގުތަކަށް އަރައިގަނެ، ގައުމާއި ރައްޔިތުން ނިކަމެތިކޮށް ކަރަޕްޝަނާއި ފަސާދަޔާއި އަދި ޚިޔާނާތްތެރިވުން ޢާންމުވެ މުޅިދިވެހި ގައުމުމިވަނީ އަދިނާމާންކަމެއްގެތެރެއަށް ޢަރަގުވެފައެވެ.

ސަރުކާރެއްގައި ރައްޔިތުންގެ ބައިތުލްމާލު ބެލެހެޓުމާއި ޙަވާލުވެތިބި ކޮންމެ ފަރާތަކުން މިކަމުގެ ފުރިހަމަ ޒިއްމާ އުފުލަންޖެހޭއިރު، މިސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ދާދި އިހަކަށްދުވަހާއިހަމައަށް ހުންނެވީ ނައިބު ރައީސްގެ މަގާމަށް މިހާރު ޢައްޔަންކުރެވިފައިވާ އަބުއްﷲ ޖިހާދު ކަމަށްވާއިރު، މިއަދު އެމް.އެމް.ޕީއާރު.ސީ އިން ޚިޔާނާތުން ގެއްލިފައިވާ އެއްބިލަޔަނަށްވުރެ ގިނަ ރުފިޔާއާއި، އަދިސަރުކާރުގެ އެހެނިއެހެން ކުންފުނިތަކުން ހިންގާފައިވާ ބޮޑަތި ޚިޔާނާތުގެ ޢަމަލްތަކަކީ ފިނޭންސްމިނިސްޓަރު އެކަމުން ބަރީއަވާނެ އަމަލްތަކެއް ނޫންކަން ގާނޫނީގޮތުން ބެލެވޭކަމަށާއި، މިސަރުކާރުގެ މައްޗަށް މަނީލޯންޑަރިން ގެ ތުހުމަތުގެ އިނގިލި އުފުލޭއިރު، އެއީ ފިނޭންސްމިނިސްޓަރު އެކަމަށް ފުރިހަމައަށް ޒިއްމާ އުފުލަންޖެހޭނެ ބޮޑުގާނޫނީ މައްސަލައެއްކަން ވެސް ފާހަނގަކުރެވެއެވެ.

ދިވެހި ދައުލަތުގެ ބައިތުލްމާލުން ކުރެވިފައިވާ ވައްކަން ތަކުގައި ތުހުމަތުކުރެވޭ ކަންކަމުގައި ހިމެނޭ އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ބޮޑެތި ޚިޔާނާތާއި އެކަންކަމާއި ގުޅުންހުރި މަނީލޯންޑަރިންގެ ތުހުމަތުތަކުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅުއްވައިދިނުމުގައި ދިވެހި ސަލާމަތީ ޚިދްމަތްތަކުން އިސްނެންގެވުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ގޮވާލަމެވެ. އަދި ޚިޔާނާތާއި މަނީ ލޯންޑްރިންގް ނާރެހުގައި ހިމެނޭ ނައިބުރައީސް ޢަބްދުﷲ ޖިހާދާއި ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިމައްސަލާ ތަކުގެ ތަހުގީގު ހިންގެވުމަށް ދިވެހި ސަލާމަތީ ޚިދްމަތްތަކުން ހައްޔަރުކޮށްދެއްވުމަށް އިލްތިމާސް ކުރަމެވެ.