ރައީސް ޔާމީން ވަގުތުން އިސްތިއުފާ ދެއްވުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފި.

ލަންޑަން، 07 ސެޕްޓެމްބަރ 2016 – ރައީސް ޔާމީން ވަގުތުން އިސްތިއުފާ ދެއްވުމަށާއި، 2018 ގައި މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށް ޓަކައި ސިޔާސީޕާޓީ ތަކުގެ (ޔުނިޓީ ނުވަތަ) އެކުވެރި އިންތިގާލީ ސަރުކާރެއް އުފެއްދުމުގެ މަގުފަހި ކޮށްދެއްވާން މޯލްޑިވްސް ޔުނައިޓެޑްއޮޕޮޒިޝަން ގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފި އެވެ.

ބޮޑެތި ކަރަޕްޝަނާއި ފަސާދަ އާއި ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ތުހުމަތުތައް ތަހުގީގުކުރެއްވުމަށް ޓަކައި ދިވެހި ސަލާމަތީ ޚިދުމަތްތަކުން ރައީސް ޔާމީން ހައްޔަރު ކޮށްދެއްވުމުގެ އިލްތިމާސް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދު ތަކުރާރު ކުރައްވާފައިވަނީ މެދުއިރުމަތީގެ ޓެލެވިޜަން ސްޓޭޝަނެއް ކަމުގައިވާ “އަލް-ޖަޒީރާ”އިން މިއަދު މުޅި ދުނިޔެއަށް އާންމުކުރި ތަހްޤީގީ ރިޕޯރޓާއި ގުޅިގެންނެވެ.

“އަލް-ޖަޒީރާ”ގެ ރިޕޯރޓްގައި ބޮޑެތި ވައްކަމާއި، ރިޝްވަތު ދިނުމާއި ނާޖާއިޒް ގޮތުގައި ހޯދި ފައިސާ ހައްގުކަމުގައި ދެއްކުމަށް “ކަޅު ފައިސާ ދޮވުމުގެ” ނުވަތަ މަނީ ލޯންޑްރިންގ ގެ މުއާމަލާތްތަކުގެ އިތުރުން މީހުން މެރުމާއި މީސްމީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ދިނުމުގެ ޖަރީމާތައް ހިމެނެއެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯރޓާއި، ހާމަވެފައިއެވާ ކަންކަމާއި ގުޅުންހުރި ބައިނަލްއަޤްވާމީ އަދި މިނިވަން މުއައްސަސާ ތަކުންނާއި ދިވެހި ސަލާމަތީ ޚިދްމަތްތަކުން މި ޖަރީމާތަކާއި ބޭޒާރާއި މެދު ހިންގަވާން ޖެހޭ އިޖްރާއަތު ތައް ވަގުތުން ހިންގަވާން ފައްޓަވައި ދެއްވުމަށް ވެސް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދު މިއަދު އެމަނިކުފާނު ލަންޑަނުން ޢާންމު ކުރެއްވި ބަޔާނުގައި ގޮވާލައްވާފައިވެއެވެ.