ޖުލައި 14 ބޮޑު އެއްވުމުގައި ޢަޒުމްވަރުގަދަ ކެތްތެރިކަމާއި ޖޯޝް އާއި ހިތްވަރާއި އެކު ބައިވެރިވެދެއްވުމަށް ގޮވާލައި، އެމްޑީޕީގެ އަހަރީ ޕެރޭޑަށް ސަރުކާރުން ޣައިރު ގާނޫނީ ގޮތުން ކުރިމަތި ކުރި ހުރަސްތައް ކުށްވެރިކުރުން.

 

އާންމުކޮށް އިޢުލާނުކުރެވިގެން 11 ޖުލައި 2016 ވީ ހޯމަދުވަހުގެ ރޭ ބޭއްވުމަށް މީހުން އެއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 11 ވަނަ އަހަރީ ދުވަހުގެ ޕެރޭޑް ނުވަތަ ސުލްހަވެރި ހިނގާލުމަށް ސަރުކާރުންނާއި ފުލުހުން ޣައިރުގާނޫނީ ހުރަސްތައް މެދުވެރިކޮށްފައިވާތީ އެކަންކަން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން އެންމެ ވަރުގަދަ ޢިބާރާތުން ކުށްވެރިކުރަމެވެ.

އެ މުނާސަބަތުގެ ހިނގާލުމަށް ހުރަސް އެޅުމުގައި ފުލުހުން އިސްކުރައްވާފަވާ ހަރުކަށި ޢަމަލުތަކާ ބައިވެރީންނަށް ނަހަމަގޮތުގައި ބިރުދެއްކެވުމަށް ކުރައްވާފައިވާ ޣައިރުގާނޫނީ އެމްމެހާ ޢަމަލުތައް މި އިއްތިހާދުން ތަކުރާރުކޮށް ކުށްވެރިކުރަމެވެ. ދިވެހިރާއްޖޭގެ އެންމެ ދޮށީ، އެންމެ މެމްބަރުން ގިނަ، އަދި އެންމެ މަގްބޫލް ސިޔާސީ ޕާޓީ ގެ ހާހުން ގުނާލެވޭ މެމްބަރުންނަށް ފުލުހުން ހުރަސްތައް ކުރިމަތި ކުރައްވައި، ބެރިކޭޑް ޖައްސަވައި، އެތަނަށް ދާންދިޔަ އެތައްބަޔަކު ހުއްޓުވައި ސުވާލުކުރައްވައި ހެއްދެވި ހެއްދެވުމީ ކަނޑައެޅިގެން ޣައިރުގާނޫނީ ބިރުދެއްކެވުންކަމުގައި ނޫނީ ނުވާނެއެވެ.

އެ މުނާސަބަތުގައި ބައިވެރިވެ ވަޑައިގަތުމަށް އެމްޑީޕީގެ ނާއިބު ރައީސް މުހަންމަދު ޝިފާޒު ގެއިން ނުކުންނެވި ތަނުން ފުލުހުން ގާނޫނާ ޚިލާފަށް އޭނާ ހައްޔަރުކުރައްވައިގެން ފުލުހުންގެ ވެހިކަލެއްގައި ފުލުސް އޮފީހަށް ހާޒިރު ކުރައްވައި އެމްޑީޕީގެ އެ ހަފްލާ ނިމެންދެން ބަންދުގައި ބައިންދަވާފަވަނި ކޯރޓް އަމުރެއް ނެތި އަދި ހާޒިރު ވެލެއްވުމުގެ ޗިޓެއްވެސް ނުދެއްވައި ކަނޑައެޅިގެން ގާނޫނާ ޚިލާފަށް ކަމުން އެކަންކަން މި އިއްތިހާދުން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އިސްވެ ހުއްދަ ހޯދުމަކާއި ނުލައި އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ހަމަ ކޮންމެ ދިވެއްސަކަށްމެ ލިބިދޭ އަސާސީ ޙައްގެކެވެ. މިފަހަކަށް އައިސް ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަށް އެއްވެސް ޖާގައެއް ސަރުކާރުން ދެއްވާފަނުވާކަމީ ގާނޫނު އަސަސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ސަރުކާރުން ނިގުޅައިގެންފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ.

ޣައިރުގާނޫނީ ގޮތުން ހުރަސްތައް ކުރިމަތިކުރައްވައިގެން ފުލުހުން ހިންގެވި ބިރުދެއްކެވުމުގެ ޢަމަލުތަކަށް ކެތްކުރައްވައި، ހަމަނުޖެހުމަކަށް ތަންނުދެއްވައި އަހަރީ ހަފްލާގެ އުފާފާޅުކުރައްވާން، ނުރޫޅި ކެތްތެރިކަމާއިއެކު ދެމިތިއްބެވި ކަމީ އެމްޑީޕީގެ ހިތްވަރުގަދަ އެންމެ މެމްބަރުންނަށް އައްސަރިބަހާއި ސާބަސް ހައްގު ދެމިތިއްބެވުމެކެވެ. މި އިއްތިހާދުގައި ބައިވެރިވާ ހުރިހާ ޕާޓީއެއްގެ މެމްބަރުންނަށާއި އެމްޔޫއޯގައި ބައިވެރިވެވަޑައިގެންތިއްބެވި ސިޔާސީ ލީޑަރުންގެ އެންމެހާ ސަޕޯޓަރުންނަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ގޮވާލަނީ، ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތައް ލިބިގަތުމަށް ޓަކައި، މި އިއްތިހާދުގެ “އިންތިގާލީ މަގަށް ރާއްޖެ” ބޮޑު އެއްވުމުގައި ހަމަ އެފަދަ ޢަޒުމްވަރުގަދަ ކެތްތެރިކަމާއި ޖޯޝް އާއި ހިތްވަރާއި އެކު ބައިވެރިވެވަޑައިގެން ދެއްވުމަށެވެ.