މެމްބަރ މަޙްލޫފް ވަގުތުން މިނިވަންކޮށް ބޭއިންޞާފު އަނެއްކޮޅަށްޖަހާން އެމްޔޫއޯ އިން ގޮވާލާ

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯރޓްގެ އިޖްރާއަތުތަކާ ގާނޫނާ ޚިލާފް ޢަމަލުތައް އެންމެ ވަރުގަދަ ޢިބާރާތުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަޙްމަދު މަޙްލޫފް 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް މިއަދު އެކޯރޓުން ޙުކުމް ކުރި ކުރުން އެއީ ފާޅުކަން ބޮޑު ބޭއިންޞާފެއްކަމުން، އެކަން އަނބުރާލައި، މެމްބަރ އަޙްމަދު މަޙްލޫފް ވަގުތުން މިނިވަން ކުރުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ގޮވާލަމެވެ. އަޙްމަދު މަޙްލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެމްބަރެއްކަމުގައި ހުންނެވުމުގެ އިތުރުން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ސްޕޯކްސްޕާރސަން ނުވަތަ ތަރުޖަމާނެވެ. އަދި އަޙްމަދު މަޙްލޫފަކީ ބައިނަލްއަގްވާމީ ޖަމިއްޔާ ޕާލިއަމެންޓޭރިއަންސް ފޯރ ގްލޯބަލް އެކްޝަންގެ މެމްބަރެއްވެސްމެއެވެ.

އަޙްމަދު މަޙްލޫފް ގެ މައްޗަށް ހުކުމް އިއްވާން ކްރިމިނަލް ކޯރޓުން ބޭއްވި އަޑުއެހުން އެކަށީގެންވާ ސަބަބެއްނެތި ސިއްރު ކުރިކުރުމާއި، އޭނާގެ މައްޗަށް ކުރެވިފައިވާ “ފުލުހުންގެ ބަންދުން ފިއްލަވާން އުޅުއްވުމުގެ” ދަޢުވާގެ ހަމަނުޖެހޭ ކަމާއި، އަޙްމަދު މަޙްލޫފް ސުލްހަވެރި ޢާންމު އެއްވުމެއްގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ މެއި މަހު ހައްޔަރުކުރެވުނު ފަހުން، އޭރުއްސުރެ އޭނާ ދޫކޮށްލާފައި ހުންނެވިކަމުގައި ވިއަސް، މި ޝަރީއަތް ދިގުދަންމާތާ އަހަރެއްވެފައިވާކަމާއި، މިކަންކަމަކީ އިޖްރާއަތް ތަކާއި ޚިލާފަށް އަދި ބޭއިންޞާފުން، ނާޖާއިޒް ސިޔާސީ ބޭނުންތައް ފުއްދާން، ސަރުކާރުން ނަހަމަގޮތުގައި ޝަރުއީ ނިޒާމް ބޭނުންކުރާކަމުގެ ހެކިތަކެވެ. ސިޔާސީ ވާދަވެރިންނާއި ދެކޮޅަށް ސަރުކާރުން އަނިޔާއާއި ބޭއިންޞާފް އަދި އަބުރުގެއްލުވާލުމުގެ ހަރާމް ބޭނުންތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ ޖަރީމާތަކުގެ ފަހުގެ ޢަމަލެއްގެ ގޮތުގައި އަޙްމަދު މަޙްލޫފްގެ މައްޗަށް ކުރެވިގެން އެދިޔަ ހުކުމް ވެއެވެ.

ދިވެހި ރާއްޖެއަށް ހެޔޮ އެދޭ ބައިނަލްއަގްވާމީ އެންމެހާފަރާތްތަކަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން އިލްތިމާސްކޮށް އެދެނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން މި ސެޕްޓެމްބރު މަހު އަލުން ވަޒަން ކުރުމަށް ފާހަގަކޮށްފައި ހުރި މައްސަލާ ތަކުގައި ސާބިތު ފިޔަވަޅުތަކެއް އެޅިގެން ދިޔުމެވެ.  ދިވެހި ސަރުކާރުން ސުލްހަވެރި ސިޔާސީ ވާދަވެރިކަން ނައްތާލެއްވުމުގެ ޣައިރުގާނޫނީ ޢަމަލުތައް ހުއްޓަވާލެއްވުމަށާއި އެފަދަ ނަހަމަ ކަންކަމަށް ޝަރުޢި ނިޒާމު ބޭނުން ނުކުރެއްވުމަށާއި، މިހާރު ހިންގަވާފައެވާ ބޭއިންޞާފު އަނބުރާލައި، އަޙްމަދު މަޙްލޫފް ވަގުތުން މިނިވަން ކުރެއްވުގެ އަހަމިއްޔަތުކަންވެސް އިސްކުރައްވާން ކަމާއި ބެހޭ އެންމެހާ އިދާރާ ތަކާއި ބާރުތަކަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ގޮވާލަމެވެ.

ބަޔާން ނެރުނީ: ޔުނައިޓެޑް މޯލްޑިވްސް އޮޕޮޒިޝަން 18 ޖުލައި 2016 މ.