އެމްޔޫއޯ ގެ ރައީސް ޑރ. މުހަންމަދު ޖަމީލް އަޙްމަދު މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބު: ފަރުދީ އަދި އިޖްތިމާޢީ މިނިވަންކަންގެއްލި ދިވެހިގައުމުގެ ސިޔާދަތާއި އިސްތިގްލާލް އަނދިރިކަމެއްގައި

ދިވެހިރާއްޖޭގެ މިނިވަން ދުވަސް މާދަމާ ފާހަގަ ކުރާއިރު، މިއީ ދިވެހި ގައުމު މިހާހިސާބަށް ނުދެކޭފަދަ ހިތްދަތި އިޙްސާސްތަކެއް ކުރަމުންދާ އަނދިރި ދުވަސްތަކެއް ތަޙައްމަލްކުރި އަހަރެއްކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަކީ ދިވެހިންގެ ފަޚުރުކަމުގައި ވީހިނދު، ދިވެހިންމިނިވަންކަމުގެ މަގުގައި ކުރިދިގުދަތުރުގައި މިހޭދަކުރި ދުވަސްތަކުގައި އެކި މަރުޙަލާގައި ހޯދި ކުރިއެރުމުގެ ތެރެއިން 2008 ގެ ގާނޫނުއަސާސީގައި ދިވެހިންގެ ފަރުދީ މިނިވަންކަމާއި ހަމަހަމަކަމާއި، އިންސާނީ ކަރާމާތާއި، މިނިވަން ހުޅުވިފައިވާ މުޖްތަމަޢެއްގައި ފަރުދުންނަށް ލިބިގެންވާ އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމާއި، ދުލާއިގަލަމުގެ މިނިވަންކަމަކީ މިގާނޫނު އަސާސީން ދިވެހިންނަށް ލިބިދިން ފަރުދީ މިނިވަންކަންކަމުގައި ވީނަމަވެސް، 2013 ގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް އަބްދުއްﷲ ޔާމީން ކާމިޔާބުކުރި ހިސާބުން ދިވެހިންގެ މި މިނިވަންކަން އެކިގޮތްގޮތުން ކޮށާމަށާ، ހަނިކޮށް އަދި ނުޙައްގުން ނިގުޅައިގަނެ މިއަދު ދުސްތޫރުން ކަނޑައަޅާފައިވާ ޙައްގުތަކަކީ މާނައެއް ނެތްއެއްޗަކަށްވެފައިވާކަމަށް ގިނަދިވެހިން ގަބޫލްކުރެއެވެ.

ދިވެހިންގެ މިނިވަންކަމުގައި ޒަމާނުއްސުރެން ފަޚުރުވެރިކަމާއިއެކު ޙިމާޔަތްކުރި އެންމެ މުހިއްމު އެއްރުކުނަކީ ދިވެހިންގެ ބިންކަމުގައި ވީހިނދު، އަދި ބިމަކީ އެހެންގައުމުތަކާއި ޚިލާފަށް ދިވެހި ގައުމުގައި އެންމެމަދު އަދި ނާދިރު ޚަޒާނާކަމަށްވީނަމަވެސް ދިވެހިންގެ ބިން ބޭރުގެފަރާތްތަކަށް ވިއްކޭގޮތަށް ގާނޫނުއަސާސީއަށް 2015 ގައި ގެނައި ބަދަލާއިއެކު މުޅިދިވެހިގައުމުގެ ސިޔާދަތާއި އިސްތިގްލާލަށް މިއަދު މިވަނީ ތާރީޚުނުދެކޭފަދަބޮޑު ގޮންޖެހުމަކާއި ކުރިމަތިލާންޖެހިފައެވެ.

ރައްޔިތުންގެ ވެރިކަމެއްގައި ހުރިހާބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންކިބައިންކަމަށްވެފައި، ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި އެންމެހާ ޙައްގުތަކާއި މިނިވަންކަން އެންމެހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ލިބިދޭންޖެހޭނެކަމަށާއި އަދި ގާނޫނުއަސާސީގެ20 ވަނަ މާއްދާގައި ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި މަންފާ ލިބުމުގައި އެންމެހާ ރައްޔިތުން ހަމަހަމަވާންޖެހޭކަމަށް ކަނޑައަޅާފައިވަނިކޮށް ބިޑަކާއި ނުލައި ރާއްޖޭގެ ފަޅުތަކާއި ގިރިތައް ވިއްކޭގޮތަށް ކަނޑައަޅައި، ފަރުދުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ގެއްލި އަދި ގާނޫނު އަސާސީގެ 199 ވަނަ މާއްދާގައި އެންޓިކޮރަޕްޝަން ކޮމިޝަން އެއް އޮންނަން ލާޒިމްކޮށް އެކޮމިޝަނުގެ މަގްސަދަކީ ދައުލަތުގެ އެންމެހައި އިދާރާތަކުން ކޮރަޕްޝަން ނައްތާލުންކަމަށްކަނޑައަޅައިފައިއޮތް އޮތުމަށް ބެލުމެއްނެތި ކަނޑައެޅިގެން ކަރަޕްޝަނާއި ފަސާދައަށް މަގުފައިވާގޮތަށް އަދި ދުނިޔޭގެ މާލީއިދާރާތްތަކުން ކަނޑައަޅާފައިވާ ބެސްޓްޕްރެކްޓިސްގެ އުސޫލުތަކާއި ޚިލާފަށް ބިޑަކާއި ނުލައި ދިވެހިރައްޔިތުންގެ އެންމެއަގުބޮޑު ޚަޒާނާ ފަސާދައާއި ކަރަޕްޝަނުގެ ތެރެއިން ނީލަންކިޔަން މިސަރުކާރުން ނިންމައިފައި ވުމީ މިއަހަރު ދިވެހިންގެ ފަރުދީ އަދި އިޖްތިމާޢީ މިނިވަންކަމާއި ރައްކާތެރިކަމަށް ލިބުނު އެންމެ ބޮޑު އެއްގެއްލުމެވެ.

ދިވެހިގައުމުގެ ކޮންމެރައްޔިތަކީވެސް ދިވެހިގައުމުގެ ސިލްމާ ސިޔާދަތަށް ލޯބިކުރާ ދަރިއަކަށްވީހިނދު، މިއަހަރާއި ނިމިގެންދިޔަ ދެއަހަރަކީ ވަކިން ޚާއްޞަކޮށް ފަނޑިޔާރުގެތަކުން ދިވެހިގައުމުގެ އެތަކެއް ފަރުދުންނަށް އަދި ޚާއްޞަކޮށް ސިޔާސީ ފަރާތްތަކަށް އިންސާފުން އެއްކިބާވެ ޙުކުމްތައްކޮށް އެފަރާތުގެ މިނިވަންކަން ނިގުޅައިގެންފައިވާ އަހަރެއްކަމުގެ ހިތާމަ އެތަކެއް ޢާއިލާތަކުންނާއި ޖަމާޢަތްތަކުން ކުރަމުންދާ އަހަރެކެވެ. އަދުލުވެރިކަމާއި އެކު ޝަރީޢަތް ހިންގައި ވަކިފަރާތްތަކަށް ބުރަނުވެ ތަޢައްސަބުން އެއްކިބާވެ ޙުުކުމްކުރުމަށް ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ލާޒިމްކޮށްފައިވަނީ ކީރިތިގުރުއާނުގެ އެތަކެއް އާޔަތެއްގައި އަދުލުވެރިކަމާއި އެންމެންގެ މެދުގައި ހަމަހަމަކަމާއިއެކު ޙުކުމްކުރުމަަށާއި އެގޮތަށް ޙުކުމްނުކުރާފަރާތްތަކަކީ، ކާފިރުންކަމަށާއި، އަނިޔާވެރިންކަމަށާއި، ފާސިގުންކަމަށް އަލްމާއިދާ ސޫރަތުގެ 44، 45،47 ވަނަ އާޔަތްތަކުގައި މާތްﷲ ވަޙީކުރައްވާފައިވާގޮތަށް އިންސާފުވެރިކޮށް ޝަރީޢަތްކުރުމަށްކަމަށްވީނަމަވެސް ވަކި ފަނޑިޔާރުން ބޭނުންކުރައްވައި، އިސްލާމްދީނުގެ އަސާސްއާއި ޚިލާފަށް ޝަރީޢަތުގެ މަޖްލިސްތައް ހިންގައި ސިއްރު ހެކިބަހުގެތެރެއިން އެތަކެއް ފަރާތްތަކުގެ މިނިވަންކަން ނިގުޅައިގަނެ އަނިޔާވެރިވެފައިވާކަން ފާހަނގަކުރަނީ ފަނޑިޔާރުގެތައް ފާޅުކަންބޮޑުކޮށް ސަރުކާރުގެކޮޅުނަގައި ފަރުދުންގެ ޙައްގުތަކަށްއަރަގަންނަމުންދާބާރުމިން ބިރުވެރިކަމާއިއެކު ފާހަނގަކުރަމުންނެވެ.

މިއަދު އެންމެފަހުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ދިވެހިންނަށް ލިބިދީފައިދުލާއި ގަލަމުގެ މިނިވަންކަމާއި ގާނޫނުއަސާސީގެ 28ވަނަ މާއްދާއިން ނޫސްވެރިންނަށް ދީފައިވާ މިނިވަންކަމާއި މަސްދަރުހާމަކުރުމެއްނެތި ޚަބަރު ޝާޢިރުކުރުމަށް އޮތްއޮތުމުގެ މިނިވަންކަން ގެއްލޭގޮތަށް ނިންމުމަމީ މިމިނިވަންދުވަހާއި ދިވެހިންކުރިމަތިލާއިރު ތަޙައްމަލްކުރާ ގެއްލޭ ޙައްގުތަކުގެ ބޮޅަށް އިތުރުވިބައެކެވެ.

މިނިވަންދުވަހުގެ ހެޔޮތަހްނިޔާ ދިވެހިރައްޔިތުންނަށް އަރިސްކުރަނީ، އެންމެހާ ރައްޔިތުން ތަކްރާރު ﷲ ގެ ޙަޟްރަތުގައި ދިވެހިންގެ ފަރުދީ އަދި އިޖްތިމާޢީ މިނިވަންކަމަށް މިދިމާވެފައިވާ އަނދިރި ދުވަސްތަކުން އަރައިގަތުމަށް ﷲ ސުބުޙާނަހޫވަތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމަށް އެދެމުން ގާނޫނު އަސާސީގެ 4 ވަނަ މާއްދާ ދިވެހި ރައްޔިތުންނަށް ހަނދުމަކޮށް އަރުވަމުންނެވެ.

” ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެންއަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.”

ކޮންމެވެރިޔަކީވެސް ރައްޔިތުން ކަނޑައަޅާފައިވާގޮތަށް ވަކިމުއްދަތަކަށް ޚިދުމަތްކުރަން ދިވެހިރައްޔިތުންގެ އަތުން މުސާރައާއި އިނާޔަށް ލިބިގެން ވަޑައިގަންނަވާވެރިއެކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ދިވެހިންގެ ފަރުދީ އަދި އިޖްތިމާޢީ މިނިވަންކަން ދާއިމަށް ރައްކާތެރިކުރައްވާ، ދިވެހިންގެ ދީނީ ވަޙުދަތާއި ސިޔާދަތު ރައްކާތެރިކުރައްވާ، މިއަނިޔާވެރިވެރިކަމުން ދިވެހިންނަށް މިނިވަންކަން ލިބުމެވެ. އާމީން.