އެމްޔޫއޯ އިން “ޑީޓެއިނީ އެންޑް ވެލްފެއަރ ފަންޑް” ގެ ނަމުގައި ހައްޔަރީން ގެ ޚައިރާތު ފަންޑެއް އިފްތިތާހްކޮށްފި

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން “ޑީޓެއިނީ އެންޑް ވެލްފެއަރ ފަންޑް” ގެ ނަމުގައި ހައްޔަރީންގެ ޚައިރާތު ފަންޑެއް އިފްތިތާޙްކޮށްފިއެވެ. އެމްޑީޕީ  އޮފީހުގައި 24 ޖުލައި 2016 ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި އެމްޔޫއޯގެ ދާޚިލީ ހިޔަނި ވަޒީރު އަހްމަދު ތަސްމީނު ޢަލީ އާއި، މަދަނީ ހައްގުތަކުގެ އެމްޔޫއޯ ހިޔަނި ވަޒީރު އަލްއުސްތާޒު ހަސަން ލަތީފާއި، ޞިއްޙީ އަދި އިޖްތިމާއީ ރައްކާތެރިކަމާއި ޖިންސް އާއި ގުޅޭ އެމްޔޫއޯ ހިޔަނި ވަޒީރާ ސިދާތާ ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް މަސައްކަތްކުރުމުގައި އުޅެނިކޮށް ފުލުހުން ހައްޔަރުކުރާ މީހުން ގެ ޢާއިލާ ތަކަށް ހައްޔަރީންގެ ފަންޑުން އެހީތެރި ވެދޭނޭ ކަމަށެވެ. އަދި ހައްޔަރު ކުރެވޭ މީހުންނާއި ބެހޭ މަޢުލޫމާތު، އެމީހަކު ވީ ތަނަކާއި، ޝަރުއީ މައްސަލަ އޮތް ހިސާބަކާ ހާލަތާއި ބެހޭ މައުލޫމާތު ލިބުނު ވަރަކުން އެމްޔޫއޯ ހައްޔަރީންގެ ޚައިރާތު ފަންޑު ގެ އިދާރީ ހިންގުންތެރީން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން، އަސާސީ ޙައްޤުތަކުގެ އެތަކެއް ޙައްޤުތަކެއް ކަށަވަރުކޮށްދީފައިވީ ހިނދު، އެޙައްޤުތައް ސަރުކާރުން ވަނީ ހަނިކޮށް، އޭގެތެރެއިން ބައެއް ޙައްޤުތައް ނިގުޅައިގަނެފައެވެ. އަދި އެ ޙައްޤުތައް ބޭނުންކުރާ ފަރާތްތަކާއި، ޙައްޤުތައް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ޑިމޮކްރެސީގެ އުޞޫލުތައް ނަގަހައްޓައި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކަށް ސަރުކާރުން ދަނީ ޖިސްމާނީ ބޮޑެތި އަނިޔާކޮށް ގެއްލުން ދެމުންނެވެ.

މިހުޟޫރަތްތެރި ދަނޑިވަޅުގައި، ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އެންމެހައި ޙައްޤުތައް އަނބުރާ ހޯދުމަށާއި، ޑިމޮކްރެސީގެ ހަމަތައް ޤާއިމުކުރުމަށާއި، އަނިޔާވެރިކަމުން ސަލާމަތްވުމަށާއި، ކޮރަޕްޝަނާއި ފަސާދައިން މިޤައުމު ސަލާމަތްކުރުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިން މިވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން، މިމަސައްކަތުގެ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެކި ގޮތްގޮތުން އަނިޔާ ލިބޭ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ކޮންމެވެސް އެހީއެއް ފޯރުކޮށްދިނުމުގެ ގޮތުން ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ޔުނައިޓެޑް އޮޕޮޒިޝަނުން ވަނީ ނިންމާފައެވެ.

މިދެންނެވި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް “ޑީޓެއިނީ އެންޑް ވެލްފެއަރ ފަންޑް” ގެ ނަމުގައި މި ހުޅުވާލެވުނު ފަންޑްގެ އެހީތެރިކަން އިންތިޒާމް ކުރެވި ހިންގޭނެ ގަވާއިދުތަކެއް އެމްޔޫއޯގެ އިސް ބައިވެރިން ވަނީ ކަނޑައަޅުއްވާފައެވެ. ފަންޑުން ފައިސާ ޚަރަދު ކުރާނީ، ޔުނައިޓެޑް އޮޕޮޒިޝަނުން ހިންގާ ޙަރަކާތްތަކާ ގުޅިގެން ނުވަތަ އަނިޔާވެރިކަމާ ދެކޮޅަށް ހިންގާ އެކިއެކި ޙަރަކާތްތަކާ ގުޅިގެން؛ ހައްޔަރުކުރާ މީހުންނަށް ނުވަތަ އެމީހުންގެ ޢާއިލާތަކަށާއި، ބޮޑެތި އަނިޔާވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުނަށް ނުވަތަ އެމީހުންގެ ޢާއިލާތަކަށާއި، ޑީޓެއިނީ ސަޕޯޓް ޓީމްގެ އިދާރީ ޚަރަދުތަކަށާއި، ހައްޔަރުކޮށް ބަންދު ކުރެވޭ މީހުނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިނގާ ޚަރަދުތަކަށާއި ކޯޓު ޙުކުމެއްގެ ގޮތުން ޖޫރިމަނާކުރާ މީހުންނަށެވެ.

“ޑީޓެއިނީ އެންޑް ވެލްފެއަރ ފަންޑް” އާއި ގުޅޭ ލިޔެކިއުން ބައިނަލްއަގްވާމީ އޮޑިޓް ގެ ހަމަތަކާއި އުސޫލުން ބެލެހެއްޓުމަށާ، ކަމާއިގުޅޭ އެންމެހައި އިންތިޒާމް ތައް ބަލަހައްޓަވާނެ ކޮމިޓީ އަކާއި އެކޮމިޓީ އާއި އެކު މަސައްކަތްކުރައްވާނެ ހިޔަނި ވަޒީރުންގެ ކޮމިޓީއެއް ކަނޑައެޅުމަށްވެސް އެމްޔޫއޯއިން ވަނީ ނިންމާފައެވެ.

އެމްޔޫއޯގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މީހަކު ހައްޔަރުކުރެވުމުން އެމީހަކަށް ނުވަތަ އެމީހެއްގެ ޢާއިލާ އަށް ވަގުތުން  1000 ރުފިޔާ ދެއްވުމަށާއި، އެމްޔޫއޯގެ ޙަރަކާތަކުން ފުލުހުން ހައްޔަރުކޮށް މުއްދަތު ޖަހާ ކޮންމެ ފަރާތަކަށް 5000 ރުފިޔާ ދެއްވުމަށް ހައްޔަރީންގެ ކޮމިޓީން ނިންމަވާފަވާކަމުގައިވެސް ފަންޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ހާމަކުރައްވާފައެވެ. ހަމަ އެއާއިއެކު އެފަރާތެއްގެ ނުވަތަ އެފަރާތުގެ ޢާއިލާގެ ހާލަތު އިތުރަށް ބައްލަވައި ހޮސްޕިޓަލް ޚަރަދު ފަދަ ކަންކަމަށްވެސް އެހީތެރިކަން ފޯރުވައިދޭން އެމްޔޫއޯއިންވަނީ ނިންމާފައެވެ.  އިސްލާޙީ މަސައްކަތްތަކުގެ ތެރޭ އަނިޔާ ލިބޭ ފަރާތްތަކަށް އެހީވެދެއްވުމަށް ގުޅުއްވާނީ 7800370 ފޯން ނަމްބަރަށެވެ. ހައްޔަރުވާ މީހުންގެ މަޢުލޫމާތު ފޯރުވައިދެއްވުމަށް ގުޅުއްވާނީ 7800964 ފޯން ނަމްބަރަށެވެ.