ޢަދުލުވެރި ޝަރީޢަތަކާ ނުލައި ކުރެވޭ ޙުކުމްތައް ބަލައެއް ނުގަނެވޭނެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބާއި، ކުރީގެ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރެލް މުހުތާޒް މުހުސިނާއި، އެމް.އެން.ޑީ.އެފްގެ ސްޓާފް ސާރޖަންޓް ހަސަން ރިކާޒާއި ކޯޕްރަލް އަޙްމަދު އާމިރުގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލައި ދިގު ޖަލުގެ ޙުކުމްތަކެއް ކޮށްފައިވަމުން ދިވެހިރާއްޖޭގައި ހީނަރުވަމުން އަންނަ ސިޔާސީ ޙާލަތު ވަރަށް ސާފުކޮށް ހާމަވެއެވެ.

ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ފަދަ ޢަދުލުވެރި ޝަރީޢަތުން މަޙްރޫމްކޮށް މި ހަތަރު ބޭފުޅުންގެ މައްޗަށް ޙުކުމް އިއްވާފައިވަނީ އިންސާފުވެރި ޝަރުޢީ ނިޒާމުގެ އުސޫލުތަކާ ޚިލާފަށެވެ. މައްސަލަ ބައްލަވަމުން ގެންދެވި ބެންޗު ވަކިކޮށް ކޯޓުތަކުގެ ޤަވާއިދާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ޣާޒީގެ ބެއްލެވުމުގެ ދަށަށް މި މައްސަލަތައް ގެންދެވުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އެންގެވުމެކެވެ. މިއީ މުޅި ދުސްތޫރީ ނިޒާމް ގަޑުބަޑު ކުރުމަށް ރައީސް ޔާމީން ރާއްވަވައިގެން ހިންގަވާ ބޮޑު ޖަރީމާއެކެެވެ.

ޝަރީޢަތުގައި ދިފާޢީ ހެކި ހުށަހެޅުމަށް ފުރުޞަތު ނުދިިނުމާއި، ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުދިނުމާއި، ޝަރީޢަތަށް ހުށަހެޅުނު ތަޙްލީލް ރިޕޯޓުތަކުގައި ކަންބޮޑުވާ އެތައް ކަމެއް ހުރިކަމަށް ދިފާޢީ ވަކީލުން ފާހަގަ ކުރިނަމަވެސް އެއިން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި، ޤަނޫނާ ޚިލާފަށް ސިއްރުކޮށް އަވަސް އަވަހަށް ޙުކުމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކާ ކަނޑައެޅިގެން ޚިލާފް ކަންކަމެވެ.

މިފަދަ ގޮނޑިކޮއްކޮ ޝަރީޢަތްތައް ގިނަވެ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު މިވަނީ ކިލަނބުވެފައެވެ. ކޮރަޕްޝަނާއި ނުފޫޒުން ޝަރުޢީ ނިޒާމު ސަލާމަތް ކުރުމަކީ އިންސާވުފެރި މުޖުތަމަޢެއް ބިނާކުރުމަށް ކޮނެމެހެން ކުރަންޖެހޭ ކަމެކެވެ. މިހާރުވެސް 1700 އަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ މަައްޗަށް ނުޙައްޤު ތަޙްޤީޤްތަކާއި ދައުވާތައް މިއަދު އުފުލިފައިވާއިރު މޭޑޭ 2015 ގައި ހައްޔަރުކުރި އެތައް ބަޔަކު ޙުކުމް ކުރުމަކާ ނުލައި ބަންދުގައި ތިބޭތާ މިހާރު 1 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އިންސާނީ ޙައްޤުތަކަށް ތަކުރާރުކޮށް އަރައިގަނެ، ޝަރުޢީ ނިޒާމު ސިޔާސީކޮށް ޚުދުމުހުތާރު ވެރިކަން އަށަގަންނަމުން އައުުމާއި މިފަދަ ކަންކަން ތަކުރާރުވަމުން އަންނަކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ. ޝަރުޢީ ނިޒާމުގެ މިފަދަ ދޯދިޔާކަންކަމުން އެ ނިޒާމަށް ރައްޔިތުންނާއި ބޭރުގެ ފަރާތްތައް ކުރާ އިތުބާރު އެތައް ގުނަކުން މި ވަނީ ދަށަށް ގޮސްފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެ އިންވެސްޓަރ ކޮންފިޑެންސް ދަށްވެ ދިވެހިންނަށް ޙައްޤު ތަރައްޤީއަށް މިވަނީ ހުރަސްއެޅިފައެވެ.

ބަޔާން ނެރުނީ: ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 10 ޖޫން 2016