ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރަށް ނިސްބަތްކޮށް ސަރުކާރުން ދައްކަވާ ވާހަކަތަކުން ސަރުކާރު ޖެހިލުންވާ މިންވަރު ހާމަވޭ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހައްޔަރުކުރުމަށް އަމުރު ނެރުމުގެ ފަހަތުގައި 1 ޖޫން 2016 ގައި އެކުލަވާލެވުނު އިދިކޮޅު ހުރިހާ ފަރާތްތަކުގެ އިއްތިހާދު، ‘ޔުނައިޓެޑް އޮޕޮޒިޝަން’ ގެ ލީޑަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި އަކްރަމް ކަމާލުއްދީން ހުންނެވިކަމަށް ވިދާޅުވުމަކީ ސަރުކާރުން ރާވައިގެން ޔުނައިޓެޑް އޮޕޮޒިޝަންގެ މަަސައްކަތްތައް ކިލަނބުކޮށްލުމަށް ފަތުރާ ޙަޤީޤަތާ ޚިލާފް ވާހަކަތަކެކެވެ.

އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތައް އިއްތިހާދުވުން އިއުލާން ކުރުމަށްފަހު އެންމެ 2 ދުވަސް ތެރޭގައި އެ އިއްތިހާދުގެ ލީޑަރާއި ރާއްޖެ ޓީވީގެ ޗެއަރމަަން އަކްރަމް ކަމާލުއްދީންގެ މައްޗަށް ބޮޑެތި ތުހުމަތުކޮށް އެބޭފުޅުން ބަދުނާމުކުރުމަށް ސަރުކާރުގެ ފަރާތްތަކުން ކުއްލިގޮތަކަށް އަވަސްވެވަޑައިގަތުމުން ޔުނައިޓެޑް އޮޕޮޒިޝަން އުފެދުމާ އެކު ސަރުކާރުގެ ކަންބޮޑުވުން ނުހަނު ބޮޑުކަމުގައި ދެކެމެވެ.

މި މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލާއި އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު ނިހާން ނުޙައްޤުން ހައްޔަރުކޮށް ބޭއިންސާފުން ޝަރީޢަތްކޮށް ސަރުކާރުގެ ނުފޫޒު ހިނގާ ހެކީންގެ ހެކިބަސް ސަރުކާރުން ބޭނުންވާ ގޮތަށް ދެވުމަކީ ޝަރުޢީ ނިޒާމަށާއި ފުލުހުންގެ މުވައްސަސާގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެކެވެ. އަދި ރައީސް ޔާމީނާއި އެމަނިކުފާނުގެ ޚުދުމުހުތާރު ސިޔާސަތުތަކާ ދެކޮޅަށް ބަސްބުނާ ހުރިހާ ފަރާތްތަކާ މެދު ޢަމަލު ކުރައްވާ ގޮތްކަންވެސް އެނގެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙް މިހާ ނާޒުކުވެފައިވާ މި ދަނޑިވަޅުގައި ސަަރުކާރުގެ މިފަދަ ތަސައްރަފު ނުފުދޭ ކަންކަމުން ޔުނައިޓެޑް އޮޕޮޒިޝަންގެ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ސިޔާސީ އެކި ފިކުރުތަކުގެ ފަރާތްތައް މިއަދު އިއްތިހާދުވެފައިމިވަނީ ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް ދިވެހިރާއްޖެ މިސްރާބު ޖަހާފައިވާ ބޮޑު އަނދަވަޅުން ސަލާމަތް ކުރުމަށެވެ. ދިވެހިރައްޔިތުންނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދިފާޢުގައި މިއަދު ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ޔުނައިޓެޑް އޮޕޮޒިޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

ބަޔާން ނެރުނީ: ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 3 ޖޫން 2016