ޑިމޮކްރަސީގެ އަސާސްތަކާއި ހަމަތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި މިނިވަން ނޫސްވެރިކަމާއި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ވަރަށް މުހިންމު- ހިޔަނި ވަޒީރު ހަސަން ލަތީފް

ޑިމޮކްރަސީގެ އަސާސްތަކާއި ހަމަތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ނޫސްވެރިކަމުގެ މިނިވަންކަމާއި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ވަރަށް މުހިންމު ކަމުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ގެ މަދަނީ ހައްގުތަކާއި ބެހޭ ހިޔަނި ވަޒީރު އަލްއުސްތާޒް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ޙަރަކާތްތެރިވާ ބައެއް މަދަނީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ބައެއް ނޫސްވެރިންނާއިއެކު ބޭއްވެވި ދެ ބައްދަލުކުރެއްވުމެއްގައި އެފަރާތްތަކާ މުޚާތަބް ކުރައްވައި ހިޔަނި ވަޒީރު ވިދާޅުވީ، ޑިމޮކްރެސީއެއްގެ އަސާސްތަކާއި އުޞޫލުތައް ހިމާޔަތްކޮށް ނެގެހެއްޓުމަށްޓަކައި މިނިވަން ނޫސް ވެރިކަމަކާއި ހަރުދަނާ މަދަނީ ޖަމްޢިއްޔާތަކެއްގެ މަސައްކަތުގެ މުހިއްމު ކަމާ މެދު އެމަނިކުފާނު ކުޑަކޮށްވެސް ޝައްކު ނުކުރައްވާ ކަމަށެވެ. މި ބައްދަލުކުރެއްވުންތައް ބޭއްވެވީ މި ޖޫންމަހުގެ 8 ވަނަ ދުވަހާއި 16 ވަނަ ދުވަހު މާލޭގައެވެ. މަދަނީ ޖަމްޢިއްޔާތަކާއި ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭއްވެވި ދެ ބައްދަލުވުންވެސް ކުރިއަށްދިޔައީ ޚިޔާލާއި މަޝްވަރާ ބަދަލުކުރެއްވުމުގެ ރޫހުގައި ބިނާކުރުވަނިވި ގޮތެއްގައި ކަމަށް ހިޔަނި ވަޒީރު ހަސަން ލަތީފް ވިދާޅުވިއެވެ. އެހައިމެ ތަޖުރިބާކާރު ނޫސްވެރިންނާއި މަދަނީ މަސައްކަތްތެރިން ދެއްވި އެ ޚިޔާލުތަކާއި ހިއްޞާ ކުރެއްވި ކަންކަމަކީ އެމްޔޫއޯ ގެ ކުރިމަގު ބައްޓަންކުރުމުގައި ވަރަށް މުހިއްމު ޚިޔާލުތަކެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޔޫއޯ ގެ މައިގަނޑު މަގްޞަދުތަކާއި އެމަނިކުފާނުގެ މަޤާމުގެ އިހްތިޞާސް ތައް ހިޔަނި ވަޒީރު އަލްއުސްދާޒް ހަސަން ލަތީފް އެ ބައްދަލުކުރެއްވުންތަކުގެ ބައިވެރީންނަށް ވިދާޅުވެދެއްވިއެވެ. ” ގާނޫނު އަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ހުރި ހުރިހާ ހައްޤުތަކެއްހެން ސަރުކާރުން މިވަނީ ހަނިކޮށްފައި ނުވަތަ ނިގުޅައިގަނެފައި. އެހެންކަމުން އެ ޙައްޤުތައް އަނބުރައި ހޯދުމަށް އެމްޔޫއޯ އިން މިވަނީ އިތުރު ހިތްވަރަކާއެކު އަލުން މަސައްކަތް ކުރަންޖެހިފައި” ކަމަށް އަލްއުސްތާޒް ހަސަން ލަތީފް އެ ދެ ބައްދަލުކުރެއްވުމުގައިވެސް ފާހަގަކުރައްވަފައިވެއެވެ.

ރާއްޖޭގައި އެންމެ އަވަހަށް ދެން ބޭއްވޭ ރިޔާސީ އިންތިޚާބެއްގެ ކުރީން އިންތިޤާލީ އިންތިޒާމް ތަކެއް ޤާއިމް ކުރެވުމުގެ މުހިންމުކަމާއި، އެފަދަ އިންތިޤާލީ މަރުހަލާއެއްގައި އެމްޔޫއޯ އިންނާއި ޚާއްޞަކޮށް އެމަނިކުފާނުގެ މަޤާމުގެ އިހްތިޞާސްގެ ތެރެއިން ކަންކަން ކުރިއަށްގެންދަވާނެ ގޮތްތަކުގެ ތަފްޞީލުތައް މިބައްދަލުކުރެއްވުންތަކުގައި ހިޔަނި ވަޒީރު ފާހަގަކުރެއްވިއެވެ. މަދަނީ ޖަމްޢިއްޔާތަކުގެއާއި އަދި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް ޑިމޮކްރަސީގެ އަސާސްތަކާއި އުޞޫލުތައް ހިމާޔަތްކޮށް ނަގަހެއްޓުމަށްޓަކައި އެމްޔޫއޯ އިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން މި ބައްދަލުކުރެއްވުންތަކުގައި ބައިވެރިވި ފަރާތްތަކަށް ހިޔަނި ވަޒީރު ވަނީ ދެއްވާފައެވެ.