ސަރުކާރުގެ ވެރިން ދައުލަތުން ވައްކަންކުރެއްވުމާއި ބޮޑެތި ޖިނާއީ ތަހުޤީޤްތަކަށް ފިއްލެވުމަށް މަގުފަހިކޮށްދިނުން ހުއްޓާލުމަށް ގޮވާލުން

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙް އިންތިހާއަށް ގޯސްވެ، ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު ރާއްޖެއިން ބޭރުގެ ވަޒީފާއަކަށް ހަމަޖެއްސަވާފައިވަނީ ދައުލަތުން ވައްކަން ކުރެއްވުމާއި މަނީ ލޯންޑަރިންގެ ޢަމަލުތަކަށް މަގުފަހިކޮށްދެއްވި ފަރާތްތަކަށް ރާއްޖެއިން ފިއްލެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ކަމުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ދެކެމެވެ. އަދި އެފަދަ ކަންކަމަށް މަގުފަހިކޮށްދިނުން ހުއްޓާލުމަށް ގޮވާލަމެވެ.

ފަތުރުވެރިކަން ކުރިއަރުވައި މާކެޓް ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގައި ދައުލަތުގެ މުވައްސަސާތައް ޢަމަލީގޮތުން ބައިވެރިވެފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ވަކީން ޚާއްޞަކޮށް މަރުކަޒީ ބޭންކުން މިކަމުގައި އިންތިހާއަށް އިހުމާލުވެފައިވާކަން އޮޑިޓް ރިޕޯޓުގައިވަނީ ބުނެފައެވެ.

މިފަދަ ދަނޑިވަޅެއްގައި، އެމް.އެމް.ޕީ.އާރު.ސީގެ މައްސަލައިގެ ތަޙްޤީޤްތައް އެކި އިދާރާތަކުން ކުރިއަށްދާއިރު، ކުއްލިގޮތަކަށް ފޮރިން ސެކްޓަރީގެ މަޤާމުގައި ހުންނެވި މަރުކަޒީ ބޭންކުގެ ގަވަރަނަރުގެ ފިރިކަލުން ޑރ. ޢަލީ ނަސީރު އެމެރިކާގައި ވަޒީފާ އަދާ ކުރާ ގޮތަށް ބަދަލުކުރުމަކީ ސީދާ އެމް.އެމް.އޭގެ ގަވަރުނަރު އަޒީމާ އާދަމްގެ މައްޗަށް ކުރެވޭ މަނީލޯންޑަރިން ފަދަ ބޮޑެތި ޖިނާޢީ ތުހުމަތުތަކުން އެކަމަނާ ފިއްލެވުމަށް ފުރުޞަތު ދިނުން ކަމުގައި ޤަބޫލުކުރެވެއެވެ.

މީގެ އިތުރުން ޑރ. ޢަލީ ނަޞީރު މުހަންމަދު ދައުލަތުގެ ފޮރިން ސެކެރެޓަރީގެ މަގާމުގައި ހުންނަވައިގެން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމާއި، ރައީސް މުހަންމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާއި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ހިންގުނުް ބޭއިންސާފު ޝަރީޢަތްތަކާއި ސިޔާސީ ހުކުމްތަކާއި، ނިގުޅައިގަނެވުނު އިންސާނީ ހައްގުތަކާ، އަދި އެބޭފުޅުންނަށް ކުރެވުނު އަނިޔާތައް، ރާއްޖޭގައި އަދި އެހެން އެކި ގައުމު ތަކުގައި އިތުރުފުޅު ހައްދަވައިގެންނާއި ހަގީގަތާ ޚިލާފް މައުލޫމާތު ދެއްވައިގެން ދިފާޢުކުރައްވާފައެވެ.

މިފަދަ އޮޅުވާލުމުގެ ތެރޭގައި ދައުލަތުގެ ވެރިން ރާއްޖެ ދޫކުރެއްުވުމަށް މަސައްކަތް ކުރެއްވި ކަމުގައިވީނަމަވެސް ދައުލަތުގެ މިކަމުގެ ފުރިހަމަ މައުލޫމާތުތައް ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އެމް.ޔޫ.އޯއިން ހިއްސާ ކުރަމުން ގެންދާނެ ކަމުގައި ދެންނެވީމެވެ.

ބަޔާން ނެރުނީ: މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 22 ޖޫން 2016