ދިވެހި ސަރުކާރުން ސިޔާސީ ވާދަވެރިންނަށް ދުއްތުރާ ކޮށް ޖަރީމާތަކަށް ތުހުމަތުކުރުމުގައި ފުލުހުންނާއި ޖިނާއީ ޢަދުލުގެ ނިޒާމް ނަހަމައިން ބޭނުން ކުރާތީ އެކަންކަން ކުށްވެރިކުރުން

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދާއި އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް އަދި ރާއްޖޭގައި ހިންގޭ މިނިވަން އަދި ވާދަވެރި ފަރާތްތަކުގެ ހަރަކާތްތައް ދައްކުވައިދޭ ހަމައެކަނި ޓީވީ ޗެނަލްގެ ވެރިޔާ އަކްރަމް ކަމާލުއްދީނާ މެދު އެއްވެސް އަޞްލެއް ނެތި ޖަރީމާތަކަށް ތުހުމަތުކޮށް، ގާނޫނާއި ޚިލާފަށް ކުށުގައި ބައްދާން ދިވެހި ސަރުކާރުން މިހާރު ކުރިއަށް އެގެންދާ ކަންކަން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިން އެންމެ މަތީ ދަރަޖައިގާ ކުށްވެރިކުރަމެވެ.

19 ޖޫން 2016 ވީ ދުވަހު ނޫސްވެރިން ނަށް މައުލޫމާތު ދިނުމުގައި ފުލުން ވަނީ ޑރ. މހަންމަދު ޖަމީލް އަޙްމަދާއި އަކްރަމް ކަމާލުއްދީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުގެ ޗިޓް ހަވާލު ކުރާން މަސައްކަތްކުރާ ކަމުގައި ބުނެފައެވެ. އަދި އެއީ ފުލުހުން ބަލަމުންދާ މައްސަލަ ތަކަކާއި ގުޅިގެން ކަމަށާއި އޭގެ ތޭގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރާންޞައްޙަ ނޫން ކޯޓް އަމުރެއް ނެރެން މަސައްކަތް ކުރުމުގައި ބައިވެރިވުން ހިމެނޭ ކަމުގައި ފުލުހުންވަނީ ބުނެފައެވެ.

ޑރ. މުހަންމަދު ޖަމީލް އަޙްމަދާއި އަކްރަމް ކަމާލުއްދީނާއި މެދު ފުލުހުން އާންމުކޮށްފައިއެވަނީ އެއްވެސް އަޞްލެއް ނެތް އަދި މުޅީން ދޮގު ތުހުމަތުތަކެކެވެ.

ސިއްރު ހެކިވެރިއަކު (ބުނެވޭ ގޮތުގައި މައްސަލާގައި ބަންދުކުރެވިފައި ހުރި ފުލުހަކު އަޑު ބަދަލުކޮށްގެން) ކޯޓަށް ހެކިބަސް ދިނުމަށް ހަމަޖައްސައި، ރައީސް ޔާމީން ހައްޔަރުކުރުމަށް ޞައްހަނޫން ކޯޓް އަމުރެއް ނެރުމުގެ ފަހަތުގައި ތިއްބެވީ ޑރ. މުހަންމަދު ޖަމީލް އަޙްމަދާއި އަކްރަމް ކަމާލުއްދީން ކަމުގައި އެ “ހެކިވެރިއާ” ބުނިކަމަށް ވަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފެއްދިކަން އިޢުލާން ކުރިތާ 24 ގަޑިއިރުވެސް ހަމަނުވެ އޮއްވައެވެ.

ދިވެހި ސަރުކާރުން ސިޔާސީ ވާދަވެރިންނަށް ދުއްތުރާ ކޮށް ޖަރީމާތަކަށް ތުހުމަތުކުރުމުގައި ފުލުހުންނާއި ޖިނާއީ ޢަދުލުގެ ނިޒާމް ނަހަމައިން ބޭނުން ކުރާކަމުގެ ފާޅުކަންބޮޑު އަދި އަލިގަދަ އެއް ހެއްކަކީ މި ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެހެކިވެރިއާ ކޯޓުގައި ބުނެފައިނުވާތީއެވެ.

މި މަސްއަލާ ގައި މިދިޔަހަފްތާތެރޭ 17 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވިފައިވާ މެޖިސްޓްރޭޓް އަޙްމަދު ނިހާން އާއި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެފައިވަނީ ޞައްޙަ ނޫންކަމަށް ބުނާ އެކޯޓް އަމުރު ގުޅިފައިއޮތީ ރައީސް ޔާމީން ދިވެހި ދައުލަތުގެ ބައިތުލްމާލުން ވައްކަންކުރައްވަމުން ގެންދަވާތީ އެކަމާއެވެ. 07 ފެބްރުއަރީ 2016 އިން ތަހުގީގު ފެށިގެން 02 ޖޫން 2016 އާއި ހަމަށް އެއްވެސް ފަރާތަކުން މި މައްސަލާގައި ޑރ. މުހަންމަދު ޖަމީލް އަޙްމަދު ނުވަތަ އަކްރަމް ކަމާލުއްދީނާއި މެދު އެއްވެސް ތުހުމަތެއްކޮށްފައި ނުވާތީ އެއީވެސް މިހާރު ފުލުހުން އެކުރާ ތުހުމަތުތައް ފޫނުބެދޭ ކަން އެނގޭ އަޞްލެކެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނަކީ ވަރުގަދަ ގޮންޖެހުންތައް ކުރިމަތިކުރުވާނެ ސާބިތު ކަމާއި ހިތްވަރުހުރި އިއްތިހާދެއްކަން އެނގި، ސަރުކާރުން ނިހާޔަތަށް ޖެހިލުންވެ ސިހި ކަންބޮޑުވެއްޖެކަން އެނގެނީ ސިއްރު ހެކިވެރިއަކު އިލެކްޓްރޯނިކް ޒަރީއާއިން އަޑު ބަދަލުކޮށްގެން ކޯޓަށް އެދިން ހެކިބަސް ދިނުން ހަމަޖައްސާފައި އެވަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފެއްދިކަން އިޢުލާނު ކުރި ފަހުން މާގިނައިރުތަކެއްނުވަނީސް ކަމުންނެވެ.
ސަރުކާރުގެ ބާރު ޖާއިޒް ގޮތުގައި އަދި ނަހަމައިން ވިއަސް ހިންގޭ ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ރޫޅާލެވޭތޯ ނުވަތަ އުވާލެވޭތޯ މި ހުދުމުޚުތާރު ވެރިކަމުން މަސައްކަތްކުރާނެކަން މިއިއްތިހާދު އެކުލަވާލެވުމަށް ކުރިމަތިލީއިރުވެސް އެނގެއެވެ. ފުލުހުންގެ ނަހަމަ ތަހުގީގުތައް މެދުވެރިކޮށްގެން އަދި ޖިނާއީ ޢަދުލުގެ ނިޒާމް ނަހަމައިން ބޭނުންކޮށްގެން ސިޔާސީ ވާދަވެރިންގެ އަބުރު ކިލަނބުކޮށް ކުށްކުށުގައި ބައްދާން ސަރުކާރުން މަސައްކަތް ކުރާނެކަން އެއީ އެނގޭ ކަންކަމެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންއަށް ހެޔޮ އެދިލައްވާ އެންމެހައި ފަރާތް ތަކަށް ކަށަވަރު މިކޮށްދެނީ، އިރާދަފުޅާއެކު މިހާރުގެ ޚުދުމުހުތާރު ވެރިކަން ގާނޫނީ އިންތަކުގެ ތެރެއިން ވީހާ އަވަހަކަށް ވައްޓާލައި، އިންތިގާލީ ނިޒާމެއް ގާއިމުކުރާން އެއްވެސް ވަގުތެއް ނަގާނުލައި މަސައްކަތް ކުރިއަށް ގެންދާނެކަމެވެ. ހަމައެއް އިންޞާފެއްނެތި ޝަރީއަތުގެ އެކިމަރުހަލާގައި ނަހަމައިން ބައްދާފައި ތިބި އެތައް ސަތޭކް ބައެއްގެ ހައްގު ތައް ހިމާޔަތްކޮށްދީ ރާއްޖޭގައި ކުރިއަށް އޮތް އިންތިޚާބު ތަކަކީ މިނިވަން، އިންޞާފުވެރި، އެތެރެފެންނަ، އަދި ހުރިހާފަރާތަކުން ހިމެނެވޭނެ އިންތިޚާބުތަކެއް ކަމުގައި ހެދުމަށް އިރާދަފުޅާއެކު މިއިއްތިހާދުން ކުރިހޯދާނަމެވެ.

ބަޔާން ނެރުނީ: މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 19 ޖޫން 2016