މާމިގިލި ކޯޓު މެޖިސްޓްރޭޓްގެ މައްޗަށް ހިންގީ އިންސާފުވެރި ޝަރީޢާތެއް ނޫން، މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލުން

އދ. މާމިގިލި ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު ނިހާންގެ މައްޗަށް ނުޙައްޤު ދައުވާްއެއް އުފުލައި ބޭއިންސާފު ޝަރީޢަތް ހިންގުމަށްފަހު 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

މެޖިސްޓްރޭޓް އަޙްމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އިންސާފުވެރި ޝަރުޢީ ނިޒާމަށް ގޮންޖަހައި އެމަނިކުފާނަށް ޙުކުމް އިއްވާފައިވަނީ އިސްލާމީ ޝަރީޢަތާ، ޤާނޫނު އަސާސީއާއި ބައިނަލްއަޤްވާމީ މިންގަޑުތަކާ ޚިލާފަށެވެ. ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުނު ކަމަށް ތުހުމަތުކޮށް އެކަން ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ހުށަނާޅައި ފުރިހަމަ ތަޙޤީޤެއް ހިންގުމަކާ ނުލައި، ޤާނޫނު އަސާސީގައި ބުނާ ފަދަ ހުޅުވާލެވިފައިވާ ޝާރީޢަތެއް ހިންގުމަކާ ނުލައި މައްސަލައިގެ މެދުތެރެއިން ޝަރީޢަތް ހިންގަވަމުން ގެންދެވި ބެންޗު ބަދަލުކުރައްވައި ހުކުރު ދުވަހުގެރޭ އިއްވުނު ޙުކުމަކީ ބޭއިންސާފުން ފުރިގެންވާ ޙުކުމެއްކަމުގައިވާތީ މެޖިސްޓްރޭޓް ނިހާން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ.

މެޖިސްޓްރޭޓް ނިހާންގެ މައްޗަށް ހިންގުނު ބޭއިންސާފު ޝަރީޢަތުގައި ދައުލަތުގެ ހެކިންގެ ހެކިބަހުންް ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުނުކަމެވެ. އެހެންކަމުން ކުއްލިގޮތަކަށް މިކަން ބަދަލުވެ، މިކަމުގައި ޝާމިލްނުވާ ފަރާތްތަކުގެ މައްޗަށް ބޮޑެތި ޖަލު ޙުކުމްތައް އިއްވަމުންދާއިރު ފުލުހުންގެ ތަޙްޤީޤަށް ރައީސް ޔާމީން ހުރަސް އެޅުއްވިތޯ ބެލެން ޖެހެއެވެ. އަދި ފުލުހުންގެ ތަޙްޤީޤް ހިންގުމަށް ރައީސް ޔާމީން ހައްޔަރުކުރެވެން ޖެހޭ ކަމަށް ދެކެމެވެ.

ބަޔާން ނެރުނީ: ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 11 ޖޫން 2016