މަރުގެ ޙުކުމަކީ ރައްކާތެރި ޝަރުޢީނިޒާމެއްނެތި ސިޔާސީގޮތުންކުރާކަމެއް، އެކަން ހުއްޓާލުމަށް ގޮވާލަން

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު، ދިވެހި ތާރީޚުގައިވެސް ހީނަރުނުވާ މިންވަރަށް ހީނަރުވެ، ހަމަހަމަކަމާއި، ޢަދުލުއިންސާފު ގެއްލި، ޝަރުޢީ ނިޒާމާ މެދު ދިވެހި ރައްޔިތުންނާއި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު މުޅިން ގެއްލިފައިވާ މިދަނޑިވަޅުގައި އިންސާނުންގެ ފުރާނަ ހިފުން ފަދަ ބޮޑެތި ޙުކުމްތަައް ދިވެހި ސަރުކާރުން ތަންފީޒުކުރުމަށް ފޫގަޅާފައިވާކަމީ “މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން” އިން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި އެކަން ހުއްޓާލުމަށް ސަރުކާރުގެ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

ސީދާ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުއްﷲ ޔާމީން އިސްނަންގަވައިގެން ވަކިވަކި ސިޔާސީ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލޭނެކަމަށާއި، ޙުކުމްތައް އަންނާނެކަމަށް އެކިއެކި ސިޔާސީ ބައްދަލުވުންތަކުގައި ވާހަކަދެއްކުމާއިގުޅިގެން، އެފަދަ ދަޢުވާތައް އުފުލި އިންސާފުގެ މިންގަޑުން އެއްކިބާވެފައިވާ ބޮޑަތި ޙުކުމްތައް އަވަސް ސްޕީޑެއްގައި މިފަދަ މައްސަލަތައް އުފަންވަމުންދާ ދަނޑިވަޅެއްގައި، އިންސާނެއްގެ ފުރާނަ ޙައްގެއްނެތި، އިންސާފު ގާއިމް ނުކުރެވި ސިޔާސީގޮތުން ނަގާލެވުމުގެ ބިރުވަނީ ނުހަނުބޮޑުވެފައެވެ. މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ސަރުކާރާ ވާދަވެރި ފަރާތްތައް ނެތިކޮށްލުމަށާއި ރައީސް ޢަބްދުﷲ ޔާމީނާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ޖަރީމާތަކުގެ ހެކި ނެތިކޮށް މުސްތަޤްބަލުގައިވެސް އެކަންކަން އަލުން ތަޙްޤީޤްކުރެވޭނެ އެންމެހައި ދޮރުތައް ބަނދުކުރުމަށް ހިންގާ ޖަރީމާއެކެވެ.

ކުއްލިގޮތަކަށް މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ވާހަކަދައްކަވަމުންދާއިރު، އެންމެފުރަތަމަ މަރުގެ ޙުުކުމްތަންފީޒުކުުރުމުގެ އިޙްތިމާލު އޮތީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭފަރާތެއްގެ މައްޗަށްކަމަށްވާއިރު، ދައުވާ ލިބޭ ފަރާތުގެ ބަޔާންތަކުން މިއީ މިމައްސަލައިގެ ތަޙްގީގު ފުރިހަމަނުވެ ތަންފީޒުކުރެވިގެންދާ ޙުކުމަކަށްވުމުގެ ބިރުބޮޑެވެ.
ޝަރުޢީ ނިޒާމުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ގެއްލިފައިވާ މިވަގުތު މިފަދަ ބޮޑު ޙުކުމެއް އިއްވައި ތުހުމަތު ކުރެވޭ މީހަކު މަރާލުމަކީ ޑރ.އަފްރާޝީމް އަވަހާރަކޮށްލުމާއި، ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލުންގަދަ ބޮޑެތި ޖަރީމާތަކުގެ އެންމެ އަޑީގައި ތިބި ފަރާތްތައް ހޯދުމަށާއި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރިމަތިވާނެ ބޮދު ގޮންޖެހުމެކެވެ. އެހެންކަމުން މަރުގެ ޙުކުމަކީ މިސަރުކާރުން ސިޔާސީ ބޭނުމަކަށް، އޮތްބާލަންބޭނުންވާ ކަންތައްތަކެއް ފޮރުވުމަށާއި ސިޔާސީގޮތުން ރުއްސަންބޭނުންވާ ވަކިދީނީ ބަޔަކު ހިތްހަމަޖެއްސުމަށްކުރާކަމެއް ކަމުގައި ޤަބޫލުކުރެވެއެވެ.

ސަރުކާރުގެ ކަމާއިބެހޭ އިސްފަރާތްތަކާއި، ޚުދު ހޯމްމިނިސްޓަރުވެސް މިދިޔަދުވަސްތަކުގެ ކޯޓުތަކުން ސިޔާސީ ފަރާތްތަކުގެ މައްޗަށްކޮށްފައިވާ ޙުކުމްތަކާއި ގުޅޭގޮތުން އެއީ ރާވައިގެން ފުރޭމްކުރުމުގެ ގޮތުންކޮށްފައިވާ ބައެއް ޢަމަލްތައްކަމަށް ވަނީ ސިފަކޮށްފައެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމުން މިވަގުތު އިންސާފާއި، ޖިނާއީ ޙުކުމްތަކުގެ ރައްކާތެރިކަމާއި، ޖިނާއީ މައްސަލަތަކުގައި އިރުއިރުކޮޅާ ބަދަލުވަމުންދާ އިޖްރާއަތްތަކާއި، އުފަންކުރާ އަދި ސިއްރިޔާތުގައި ނެގޭ ހެކިތަކާއި، ޖިނާއީ މައްސަލަތަކުގައި ވަކި ފަނޑިޔާރުންތަކެއްގެ ބެންޗްތަށް ކުއްލިއަކަށް އެކުލަވާލެވި ކުރެވޭ ބޮޑަތި ޙުކުމްތަކުގެ ރައްކާތެރިކަން ނެތުމުގެ އިތުރަށް ކަނޑައެޅިގެން އިންސާފުން އެއްކިބާވެފައިވާކަން ފާހަނގަކުރަމެވެ. ޝަރުޢީ ނިޒާމުގެ ކަންކަން މިހެން އޮތް އިރު މިފަދަ ކޯޓު ތަކުން ނިންމައި މީހެއްގެ ފުރާނަ ނަގާލުން ވެގެންދާނީ އިޖްތިމާޢީ ބިރުވެރިކަމަށެވެ.

ޝަރުޢީނިޒާމުގެތެރޭގައި އިންސާފާއި، ރައްކާތެރިކަން ގެއްލިފައިވާ މި ދަނޑިވަޅުގައި، އިންސާފުން އެއްކިބާވެ، ސިޔާސީގޮތުން މަންފައެއް ޙާޞިލްކުރުމަށް ނުވަތަ ދީނީގޮތުން ވަކިބަޔަކު ރުއްސުމުގެގޮތުން ކުރާމިފަދަ ކަމަކީ ނުހަނު ބިރު ބޮޑު ޢަމަލެކެވެ. އިންސާފުގެ ނިޒާމު ހަރުދަނާކޮށް ރައްކާތެރި ޙުކުމްތައް ގާއިމްކުރުމަށްޓަކައި ކުރަންޖެހޭއެންމެހާކަންތައްތައް ގާއިމްކުރުމަށާއި، ސިޔާސީ މަގްސަދު ޙާޞިލްކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ ޙުކުމްތަންފީޒުކުރުުމުގެ ވާހަކަ ނުދެއްކުމަށް މިކޯލިޝަނުން ސަރުކާރަށްގޮވާލަމެެވެ. މުޖުތަމަޢު ޢިސްލާޙް ކުރުމަށްޓަަކައި މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ އެންމެ އަސާސީ އެއްކަމަކީ ހެޔޮނަސޭހަތާއި ރީތި މިސާލު ދައްކައިގެން ރަނގަޅު ތަރުބިއްޔަތު ދިނުންކަމުގައިވާހިނދު، އެކަންކަން އެއްފަރާތްކޮށް ކުރަންޖެހޭ ހަމައެކަނި ކަމަކީ ބޮޑެތި ހަރުކަށި އަދަބު ދިނުން ކަމުގައި ދައްކަން އުޅުމަކީ އިސްލާމްދީނުގެ ރީތި ނަން ކިލަނބުވެ، ދީނުގެ ޙަޤީޤީ މަފްޙޫމް އޮޅިގެންދާނެ ކަމެކެވެ.