ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ހިންގާފައިވަނީ ބޭއިންސާފު ޝަރީޢަތެއް

ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ދިރިއުޅުއްވާ އެޕާޓްމަންޓުގައި ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ތުހުމަތުކޮށް ޓެރަރިޒަމްގެ ދަޢުވާ އުފުލައި ޤާނޫނު އަސާސީގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާފަދަ ޢަދުލުވެރި އަދި އިންސާފުވެރި ޝަރީޢަތަކުން މަހްރޫމްކޮށް 10 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމަކީ އިންސާފުން އެއްކިބާވެފައިވާ ޙުކުމެއް ކަމުގައި ޔުނައިޓެޑް އޮޕޮޒިޝަނުން ދެކެމެވެ.

އަޙްމަދު އަދީބުގެ މައްޗަށް ހިންގުނު ޝަރީޢަތުގައިވެސް ޝަރުޢީ ނިޒާމާ ގުޅިގެން އެކިއެކި ފަރާތްތަކުން ފާހަގަ ކުރަމުން އަންނަ ބޮޑެތި ކަންބޮޑުވުންތައްވަނީ ތަކުރާރުކޮށްފައެވެ. މިގޮތުން ފޮރުވިފައިނުވާ ތަޙްޤީޤެއްގެ މައްޗަށް ޝަރީޢަތް ބިނާވެފައިނުުވުމާއި އަޙްމަދު އަދީބުގެ މައްޗަށް ހިންގުނު ޝަރީޢަތަކީ އިންސާފުވެރި ޝަރުޢީ މިންގަނޑުން އެއްކިބާވެފައިވާ ޝަރީޢަތެއްކަން ފާހަގަ ކުރަމެވެ.

އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހިންގުނު ޝަރީޢަތް ބިނާކޮށްފައިވަނީ އަދީބުގެ އެޕާޓްމަންޓުން ފިސްތޯލަ ދުށް ކަމަށް ބުނާ 3 ސިއްރު ހެކިންގެ ހެކިބަހުގެ މައްޗަށެވެ. ޖިނާޢީ ކުށްތައް ހުއްޓުވޭނީ އަވަހަށް ޝަރީޢަތް ހިންގިގެން ކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވާހިނދު ޝަރީޢަތް ހިންގުމުގެ އުސޫލުތަކާ ޚިލާފަށް މައްސަލަ ބައްލަވަމުން ގެންދެވި ބެންޗު ކުއްލި ގޮތަކަށް ބަދަލުކުރައްވައި ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އެ މައްސަލަ ނަންގަވައި އަވަސް އަރުވާލައިގެން ޙުކުމް ކުރެއްވީ ސީދާ ރައީސް ޔާމީންގެ އެދިލެއްވުމަށްކަން ހާމަވެއެވެ.

“މިއީ ޖިނާޢީ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަށްވެސް ހެކި ނެތި ހިންގާފައިވާ ބޭއިންސާނު ޝަރީޢަތެއް. ރައީސް ޔާމީން ވަނީ ޝަރުޢީ ނިޒާމް ހިޞާރު ކުރައްވައި ފަނޑިޔާރުގެ ގަޑުބަޑުކުރައްވާފަ. މިކަން ހުއްޓުވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް.” ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވިއެވެ.

ބަޔާން ނެރުނީ: ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 6 ޖޫން 2016