ކާނަލް ރޓ. މުޙައްމަދު ނާޒިމް ފްރޭމްކުރުމުގައި ފުލުހުން ބައިވެރިވިކަމަށް ހޯމް މިނިސްޓަރު އިއުތިރާވެވަޑައިގަތުމުން ކާނަލް ނާޒިމް މިހާރުން މިހާރަށް މިނިވަން ކުރަން ޖެހޭ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރޓ. މުޙައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ބޭނުންކުރުން މަނާ ހަތިޔާރު ފެނުނު ކަމަށް ބުނެ 11 އަހަރަށް ނުޙައްޤުން ޖަލަށް ޙުކުމްކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އެމަނިކުފާނުގެ އިސްތިއުނާފް ޝަރީޢަތާ ގުޅިގެން ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިހާރު ދައްކަވާ ވާހަކަފުޅުތަކުން ކާނަލް ނާޒިމްއަށް ކުރީ ނުޙައްޤު ދަޢުވާއެއްކަމާއި އެއީ ބާޠިލް ޝަރީޢަތެއްކަން ހާމަވެއެވެ. އެހެން ކަމުން ކާނަލް ނާޒިމްގެ ޖަލު ހުކުމަކީ ސައްހަ ނޫން ޙުކުމެއްކަމުގައިވާތީ އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ.

ބުރާސްފަތި ދުވަހު އުމަރު ނަސީރު ވިދާޅުވެފައިވަނީ ފުލުހުންނަށް ފައިސާދީގެން ކާނަލް ނާޒިމްގެ އެޕާޓްމަންޓުގައި ފިސްތޯލައެއް ޕްލާންޓްކުރުމުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތެއް ވެދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. މުޅި ދައުލަތުގެ އެންމެ މުހިއްމު އަދި ޒިންމާދާރު މުވައްސަސާގެ ޙާލަތު އިންތިހާއަށް ގޯސްވެ ފުލުހުންގެ ތެރޭގައި ފަސާދައަށް މަގުފަހިވެ، ކޮރަޕްޝަން ޢާންމުވެފައިވާ މިންވަރު ހޯމް މިނިސްޓަރަށް އެނގިވަޑައިގަންނަވާކަން މިކަމުން ހާމަވެއެވެ. އަދި އެކަން އެނގިވަޑައިގެން ހުންނަވައި ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް ނުޙައްޤު ތަޙްޤީޤް ކުރެވުނު ހިނދުވެސް އުމަރު ނަސީރު ހިމޭނުން ހުންނަވައި ފުލުހުންގެ ކޮރަޕްޝަން ފޮރުވުމުގައި ސާބިތުކަމާއެކު ހުންނަވައި މިހާރު މިވާހަކަތައް ދެއްކެވުމުން ހޯމް މިނިސްޓަރުގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމުގައި އުމަރު ނަސީރު ފެއިލްވެފައިވާކަން ޔުނައިޓެޑް އޮޕޮޒިޝަނުން ދެކެމެވެ.

ރައްޔިތުންނަށް އަނިޔާކުރުމާއި ކޮރަޕްޝަނުން ފުރިގެންވާ ވެރިކަމެއް ދިފާއުކުރުމަށް ނުފޫޒު ގަދަ ފުލުހުންތަކެއް އެ މުވައްސަސާ ފަސާދަކުރަމުންގެންދާތީ ރައްޔިތުން މެދު ނުކެނޑި މިއަންނަނީ އިހްތިޖާޖުކުރަމުންނެވެ. މިއަދު އެ މުވައްސަސާގެ ކަންކަމާ ޙަވާލުވެވަޑައިގެން ހުންނެވި ވަޒީރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިއުތިރާފްވެވަޑައިގަތުމުން ދެން އިތުރު ހެއްކާ ގަރީނާ ހޯދަން ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ރައްޔިތުންގެ އެތައް ޙައްޤުތަކަަކަށް ފުލުހުން އަރައިގަންނައިރު އެފަދަ ފުލުހުންނާމެދު ފިޔަވަޅު އަޅާފައިނުވާކަމީ ފުލުހުންގެ މުވައްސަސާ އިތުރަށް ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެކެވެ. ފުލުހުންގެ މުވައްސަސާގައި ތިބި ނުފޫޒުގަދަ މަދު ބައެއްގެ ސަބަބުން މުޅި މުވައްސަސާ ކިލަނބުވެގެންދާއިރު ހޯމް މިނިސްޓަރު ވަޒީފާއާއި މަޤާމުގެ ދަހިވެތިކަމުގައި ނުހުންނަވައި މިހާރުން މިހާރަށް އިސްތިއުފާދެއްވުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 17 ޖޫން 2016