ނުރައްކާތެރި މާރާމާރީތައް އިތުރުވަމުން އަންނަކަމީ ރައީސް ޔާމީނާއި ހޯމް މިނިސްޓަރު ފެއިލްވެފައިވާކަން ހާމަވާ ކަމެއް

ހުކުރުދުވަހު ހިނގައިދިޔަ ބިރުވެރި އަދި ނުރައްކާތެރި މާރާމާރީގައި އުމުރުން 14 އަހަރުގެ 2 ކުޑަކުދިން މަރުވެގެންދިއުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ ޢާދުލުގެ ނިޒާމު ބޮއްސުންލައި، ދިވެހިރާއްޖެއަކީ މިއަދު ނާމާންކަމާ ބިރުވެރިކަމުން ފުރިގެންވާ ރައްޔިތުންގެ ރައްކާތެރިކަމަށް އެއްވެސް ފަރުވާލެއް ނެތި ވެރިކަން ކުރަމުން އަންނަ ޤައުމެއްކަން ހާމަވާ ކަމެކެވެ. ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރެގައި މާރާމާރީތައް ގިނަވެ، އަމަން އަމާންކަން ގެއްލެމުން އަންނަކަމީ ދައުލަތުގެ އެންމެހައި މުވައްސަސާތައް ފެއިލްވެފައިވާކަން ހާމަވާ ކަމެކެވެ. ވަކީން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ހޯމް މިނިސްޓަރުގެ ލީޑަރޝިޕްގައި ދިވެހިރާއްޖެ ވަނީ ނުރައްކާތެރި އަނދަވަޅަކަށް ވައްޓާލާފައިވާކަން ހާމަވެއެވެ.

އަމަން ބެލެހެއްޓުމާއި ރައްކާތެރިކަން ޤާއިމުކުރުމުގެ އެންމެ ބޮޑު ޒިންމާ ހަވާލުކުރެވިފައިވާ ސަލާމަތީ ޚިދުމަތްތަކާއި މުވައްސަސާތައް މިއަދުވަނީ ސިޔާސީ ނުފޫޒުވަދެ ފަސާދަވެފައެވެ. ޙާއްސަކޮށް ފުލުހުންގެ މުވައްސަސާގައި ތިބި މަދު ބައެއްގެ ޢަމަލުތަކުގެ ސަބަބުން ފުލުހުން ބަދުނާމުވެ މުވައްސަސާއަށް ރައްޔިތުން ކުރާ އިތުބާރާއި އިިޙްތިރާމް ވަނީ ގެއްލިފައެވެ. މިފަދަ ކަންބޮޑުވާ ދަރަޖައަކަށް ފުލުހުންގެ މުވައްސަސާގެ ކަންކަން ވެއްޓިގެންދަނީ ސިޔާސީ ވަކި މަންފާއެއް ހާސިލްކުރުމަށް މި މުވައްސަސާތައް ބޭނުންކުރަމުން އަންނާތީއެވެ. އަދި އެއްވެސް އުސޫލެއް ނެތި މުވައްސަސާގެ އެތެރޭގެ ހިންގުން ގަޑުބަޑުކޮށް ސިޔާސީ ބޭނުންތަކަށް ވަކި ބަޔަކަށް ވަޒީފާގެ ކުރިއެރުންދީ ހުނަރުވެރި އޮފިސަރުންގެ ބޭނުން ނުހިފާތީކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

ރާއްޖޭގައި ނުރައްކާތެރި ގޭންގުތައް ހަރަކާތްތެރިވުން އިތުރުވެ މިއަދު ސިޔާސީ ބޮޑެތި މަޤާމުތަކުގައިވެސް އެފަދަ މީހުން ތިބިކަން ފާހަގަކުރަމެވެ. ވަކީން ޚާއްސަކޮށް ރައީސުލްޖުމްުހޫރިއްޔާ ޢަބްދުﷲ ޔާމީން ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކާ ހާމަކަންބޮޑުގޮތެއްގައި ގާތް ގުޅުން ބާއްވަވާކަން ކަންބޮޑުވުުމާއެކު ފާހަގަ ކުރަމެވެ. ސަރުކާރުގެ އެކި އެއްވުންތަކުގައިވެސް މިދެންނެވި ފަރާތްތަކުން ބައިވެރިވާކަން ފޮޓޯތަކުންނާއި ވީޑިއޯއިން ހާމަވެއެވެ.

ދިވެހިރާއްޖޭގައި މިއަދު ހިނގާ މާރާމާރީތަކާ ގުޅިގެން ދައުލަތުގެ މުހިއްމު މުވައްސަސާތަކުން އެއްވެސް އެއްޗެެއް ވިދާޅުވެފައިނުވާކަމީ ކަންބޮޑުވާ ކަމެކެވެ. ވަކީން ޚާއްސަކޮށް ގޭންގްތަކުގެ މާރާމާރީތައް ހުއްޓުވުމަށް ހޯމް މިނިސްޓަރު އިއުލާން ކުރައްވާފައިވާ “ބޫޓް ކޭމްޕް” އާ ގުޅޭ ގޮތުން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި ހިޔުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ފާރަވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެމެވެ.

“މިފަދަ ބޮޑު މާރާމާރީއެއް ހިނގައި މުޅި ރާއްޖެ އެކަމާ މެދު ކަންބޮޑުވެފައިވަނީ ރައްޔިތުންގެ ރައްކާތެރިކަން ފޯރުއްކޮށްދިނުމަށް ސަރުކާރު ނުކުޅެދިފައިވާތީ. މުޅި ފުލުހުންގެ މުވައްސަސާގެ އަމާޒު ހުއްޓިފައިމިވަނީ ޚުދުމުހުތާރު ވެރިކަމެއް ދެމެހެއްޓުމަށް. ރައީސް ޔާމީނާއި ހޯމް މިނިސްޓަރުގެ ސިޔާސީ ބޭނުންތައް ފުއްދުމަށް ފުލުހުންގެ މުވައްސަސާ ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ހުއްޓުވަން ޖެހޭ” ޔުނައިޓެޑް އޮޕޮޒިޝަންގެ ޝެޑޯ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޙްމަދު ތަސްމީން ޢަލީ ވިދާޅުވިއެވެ.

ބަޔާން ނެރުނީ: ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 5 ޖޫން 2016