ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްތިއުފާ ދެއްވުމުން މަރުޙަބާ ދަންނަަވަން

ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރި ވެރިކަމާއި ތަކުރާރުކޮށް ޤާނޫނު އަސާސީއާ ޚިލާފުވެވަޑައިގަންނަވާ މަންޒަރު ބެއްލުވުމަށް ނުހުންނަވައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ދާދި ފަހުން ގޮވާލި ގޮވާލުމަށް އިޖާބަދެއްވައި އުމަރު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމް.ޔޫ.އޯ.އިން އެމަނިކުފާނަށް މަރުޙަބާ ދަންނަވަމެވެ.

ޕީޕީއެމް ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އުމަރު ނަސީރު ކުއްލި ގޮތަކަށް އެ މަޤާމުން އިސްތިއުފާ ދެއްވުމަކީ މިއަދު މި ޤައުމަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ ގޮންޖެހުންތަކުން ސަލާމަތްވުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރާން ޖެހިފައިވާ ކަމެއް ކަން ހާމަވާ ކަމެކެވެ.

ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި އެންމެ ބުރަ މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތައް މިއަދު އެކަހެރިކުރައްވައި ޚުދުމުހުތާރު ވެރިކަމެއް ޤާއިމުކުރެއްވުމަށް އެކުރައްވާ މަސައްކަތް ހުއްޓުވަން ޖެހޭނެއެވެ. އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑާއިގަންނަވާ 9 ވަޒީރުން މިއަދު ވަނީ އެކިކަންކަން މެދުވެރި ކުރައްވައި މަޤާމުން ވަކިކުރައްވައި ނުވަތަ މަޖުބޫރުން އިސްތިއުފާ ދެއްވާފައެވެ. މިކަމުން އެންމެ ބޮޑަށް ހާމަވާކަމަކީ ދިވެހި ސަރުކާރު މިއަދު މިވަނީ ރައީސް ޔާމީން ހިސޯރުކުރައްވާފައިކަމެވެ. ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ޖިނާޢީ ތުހުމަތުތައް ކުރެވޭ ހިނދުވެސް ތަޙްޤީޤީ އެއްވެސް އިދާރާއަކުން އެއިން އެއްވެސް ކަމެއް ބެއްލުވުމުގެ ފުރުޞަތުތައް ހުރިހާ ގޮތަކުން ޚުދު ރައީސް ޔާމީން ވަނީ ބަންދުކުރައްވާފައެވެ. އެހެންކަމުން މިވަގުތުގައިވެސް ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަޙްޤީޤްކުރެއްވުމަށް އެމަނިކުފާނު ހައްޔަރުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ތަކުރާރުކޮށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ޔުނައިޓެޑް އޮޕޮޒިޝަން
ތާރީޚް: 21 ޖޫން 2016